ފަލަސްތީން އޮތޯރިޓީން އެމެރިކާއާ ގުޅުން ބޭއްވުމާމެދު ދެވަނަ ވިސްނުމަކަށް

ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ގެ ރައީސް މަހުމޫދު އައްބާސް. ފޮޓޯ/އިންގްލިޝް އަރަބިޔާ

އެމެރިކާއާ ގުޅުން ބޭއްވުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ނިންމާފައިވާ ކަމަށް ފަލަސްތީނު އޮތޯރިޓީ (ޕީއޭ)ގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް އެގޮތަށް ވިދާޅުވީ ފަލަސްތީނަކީ އދ.ގެ ދާއިމީ މެމްބަރެއްގެ ގޮތުގައި ކަނޑައެޅުމަށް ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކުރުމުންނެވެ.

"ފަލަސްތީން ރައްޔިތުންގެ މަސްލަހަތާއި ހައްގުތައް ރައްކާތެރިކުރުމަށް، އެމެރިކާއާއެކު އޮތް ގުޅުމާ މެދު އަލުން ގޮތެއް ނިންމާނަން،" އައްބާސް ވިދާޅުވިއެވެ.

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް އެދި ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިން ހުށަހެޅި މައްސަލަ އދ.ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ވީޓޯކުރީ ބުރާސްފަތި ދުވަހުއެވެ.

އެ ވޯޓުގައި ފަލަސްތީނަށް ސަލާމަތީ މަޖިލީހުގެ 12 ގައުމަކުން ތާއީދުކޮށްފައިވެއެވެ. އިނގިރޭސިވިލާތާއި ސުވިޒާލޭންޑުން ވޯޓުގައި ބައިވެރިވެފައިނުވާއިރު، އެމެރިކާއިން ވަނީ އެ ގަރާރު ވީޓޯކޮށްފައެވެ. އދ.ގެ ސަލާމަތީ ކައުންސިލުން މައްސަލައެއް ފާސްކުރުމަށް ނުވަ ވޯޓާއި ވީޓޯ ކުރުމުގެ ބާރު ލިބޭ އެމެރިކާ، ރަޝިއާ، ޗައިނާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުގެ ތާއީދު ބޭނުންވާނެއެވެ.

ފަލަސްތީނު ރައްޔިތުންގެ ނިންމުންތައް މިނިވަންކަމާއެކު ކަނޑައަޅައި، ފަލަސްތީނުގެ އަމިއްލަ އެޖެންޑާއެއް ކަނޑައަޅާނެ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ. އަދި ފަލަސްތީނު ރައްޔިތުންނަކީ ނާކާމިޔާބު ބައެއްގެ ގޮތުގައި ނުތިބޭނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އދ.ގެ މެމްބަރު ގިނަ ގައުމުތަކެއްގެ ތާއީދު އޮތް އެ ގަރާރު ވީޓޯ ކުރުމަށް ފަހު އދ.އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ރޮބަޓް ވުޑް ވިދާޅުވީ އެ ގަރާރުގެ ވީޓޯ ކުރި ނަމަވެސް ވަކި ދެ ދައުލަތެއް ގާއިމުކުރަން އެމެރިކާ އިން ތާއީދުކުރާ ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހޭނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ.

comment ކޮމެންޓް