ކޮރޯނާވައިރަސް އާ ގުޅިގެން އެމެރިކާ ބޭޒާރުވެއްޖެ: ޗައިނާ

ބެއިޖިންގް (30 އެޕްރީލް 2020) : ކޮރޯނާވައިރަސް 'ކޮވިޑް-19"ގެ ޒިންމާ ޗައިނާގެ ބޮލުގައި އަޅުވަން އެމެރިކާގެ އިސްވެރިން މަސައްކަތް ކުރައްވަނީ އެރޯގާ ކޮންޓްރޯލް ކުރުމުގައި އެމެރިކާ ބޮޑުތަނުން ފެއިލްވުމުން ކަމަށް ޗައިނާ ބުނެފި އެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ގެންގް ޝުއާންގް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެމެރިކާ ވަރަށް ފެއިލްވެފައިވާ ގައުމެއް ދުނިޔޭގައި ވެސް ނެތްކަމަށާ އެ ރޯގާއާއެކު އެމެރިކާގެ ވެރިންނާއި މުއައްސަސާތައް ދުނިޔޭގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމުގައެވެ. މި ބޭޒާރާއެކު ކުރިމަތިވި ލަދާގުޅިގެން އެމެރިކާގެ އިސްވެރިން މަސައްކަތް ކުރަން ފެއްޓެވީ ޗައިނާގެ ބޮލުގައި އެކަން އަޅުވައި ޒިންމާތަކުން ރެކިވަޑައިގަތުމަށް ޓަކައި ޗައިނާއޭ ކިޔައިގެން ބޮޑެތި ދޮގުތަކެއް ހަދައި ހަގީގަތް އޮލުވާލުމަށް ކަމަށްވެސް ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ވިދާޅުވިއެވެ.

ކޮވިޑް-19 ގެ މައްސަލާގައި ޗައިނާއާ ދެކޮޅަށް އެމެިރކާ ދައްކަމުން ގެންދާ ވާހަކަތަކަށް މިހާ ހަރުކަށި އިބާރާތުން ޗައިނާ ރައްދު ދިން ފުރަތަމަ ފަހަރެވެ. މިހާ ހަރުކަށި ގޮތެއްގައި ޗައިނާ އެމެރިކާއަށް ރައްދު ދީފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށާއި އިގްތިސާދަށް ލިބުނު އާދަޔާ ޚިލާފު ގެއްލުމުގެ ބަދަލު ޗައިނާގެ އަތުން ހޯދާނެކަމަށް ވިދާޅުވެ ޓްރަމްޕް އެންމެ ފަހުން ދެއްވި އިންޒާރަށްފަހުއެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ޓްރަމްޕް ވަނީ އދ. އާއި ބައިނަލްއަގްވާމީ މުއައްސަސާތަކުގެ ތެރެއިން ޗައިނާއާ ދެކޮޅަށް ކަމެއް ނުކުރެވިއްޖެނަމަ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއިންވެސް ޗައިނާ ޒިންމާ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޗައިނާ ޒިންމާ ކުރުވުމަކީ ޗައިނާ އަތުން ބަދަލުގެ ގޮތުގައި އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއް ހޯދުންކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެމެރިކާ ނުކުޅެދިފައިވާއިރު އެމެރިކާގައި އެރޯގާ ޖެހުނު މީހުންގެ އަދަދުވަނީ އެއް މިލިޔަން 65 ހާހަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި މަރުވި މީހުންގެ އަދަދު ވެސް ވަނީ 61 ހާހަށްވުރެ މައްޗަށް ގޮސްފަ އެވެ. މި ނާކާމިޔާބީގެ ހިޔަނި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސީ މުސްތަގްބަލަށް އެޅިފައިވާއިރު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ޓްރަމްޕަށް ނާކާމިޔާބުވެދާނެ ކަމުގެ ބިރު އޭނާ އިޙްސާސް ކުރައްވާކަމަށް ސީއެންއެން ބުނެއެވެ.

ކޮވިޑް-19 އެމެރިކާގައި އެހާ ބޮޑަށް ފެތުރުނީ އެވައިރެހުގެ ފުރިހަމަ މައުލޫމާތު ޗައިނާއިން ނުދިނުންކަމަށް ޓްރަމްޕް ވިދާޅުވާއިރު ޖަނަވަރީ މަހުގެ ކުރީކޮޅު އެވައިރެހުގެ މައުލޫމާތު ޗައިނާއިން ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ޑަބްލިޔޫ އެޗް އޯ އަށްވަނީ ދީފައެވެ. އެއަށްފަހު ޑަބްލިޔޫ އެޗް އޯ އެކަން ހާމަކުރުމުން ވެސް އެ ރޯގާއާމެދު އެމެރިކާއިން އަޅާލާފައެއް ނުވެއެވެ.

އެދުވަސްވަރު ޓްރަމްޕްވަނީ އެއީ ޗައިނާގެ ވައިރެހެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވައި ވަގުތުތައް ނަގާލައްވާފައެވެ. އަދި އެމެރިކާގައި ފުރަބަންދުގެ ފިޔަވަޅުތަކާއި ކަރަންޓީނު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނީވެސް އެމެރިކާއިން ކޮވިޑް-19 ގެ ކޭސްތައް ފެނުނުތާ ތިން ހަފްތާފަހުންކަންވަނީ ހާމަވެފައެވެ.

ކޮވިޑް-19 އެމެރިކާގައި އާދަޔާ ޚިލާފަށް ފެތުރި ދުވާލެއްގެ މައްޗަށް ހާހުން މީހުން މަރުވާފެށުމުން އެމެރިކާވަނީ އެރޯގާ އާ ހަނގުރާމަ ކުރަން ބޭނުންކުރާ މާސްކާއި އަންގިއާއި ގައުންފަދަ ރައްކާތެރިކަމުގެ ވަސީލަތް ހޯދުމުގައިވެސް ފޭރުން ނުވަތަ ޕައިރެސީގެ އަމަލުތައް ހިންގާފަ އެވެ. މިގޮތުން އެހެން ގައުމުތަކުން އޯޑަރުކޮށްފައިވާ އެފަދަ ބާވަތްތައް ނުހައްގުން އަތުލައިގަތުމުގެ ހަރުކަށި އަމަލުތަކެއް އެމެރިކާ ހިންގި މަންޒަރުވެސް ވަނީ ފެނިގެންގޮސްފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް